އައްޑު އަތޮޅު މަރަދޫފޭދޫ ނިޝާތު ނަސީރުގެ ބައްޕަ މުހައްމަދު ނަސީރު ބުނި ގޮތުގައި ރޭގެ ހަމަލައަކީ އޭނާގެ އާއިލީ ދިރިއުޅުމުގައި އޮތް އުފާވެރިކަން ފޫދުއްވައިލި ހަމަލައެކެވެ. އޭނާގެ ދަރިފުޅަކީ ސްކޫލް ނިންމުމަށް ފަހު މަސައްކަތެއްގެ ތެރެއަށް ނުގޮސް ހުރި ކަމުގައި ވިޔަސް "ގޯސް" ކުއްޖެއް ނޫން ކަމަށާއި އެއީ ގޭގައި ހުންނަ ކުއްޖެއް ކަމަށް އޭނާ ބުންޏެވެ.
"ރަށަށް ގޮސް އުޅެލާފައި މާލެ އައިސްހުރީ. ވަރަށް މަދުން ނޫނީ ގެއިން ވެސް ނުނުކުންނާނެ،" ނިޝާތުގެ ބައްޕަ ބުންޏެވެ. "މިދިޔަ ރޯދައަށް ނިޝާތު ރަށަށް ދިޔައީ ފުޓުބޯޅަ މުބާރާތެއްގައި ކުޅެންވެގެން. ރޯދަ ނިންމާފައި އައިސް މާލޭގައި މަޑުކޮށްލައިގެން ހުރީ. މާލެ އައީ ބައިބަލާ ކުޅެން އޭނާއަކީ ބައިލާ ކުޅުމުގެ އިތުރުން ބައިބަލާ ކޯޗެއް. ކުޅެން އުޅުނަސް އެންމެ ލަސްވެގެން 10:30ގައި އޭނާ ރޭގަނޑު ގެއަށް ވަންނާނެ،"
ނިޝާތުގެ މަންމަ ބުނީ ރޭ ގާތްގަނޑަކަށް 7:30 އެހާކަންހާއިރު ނިޝާތު ގޭގައި މަޑުކޮށްލައިގެން އިނީ ކާން ހަދައިދޭށޭ ބުނުމުން ކާން ތައްޔާރު ކުރާތީ ކަމަށާއި ކާން ހަދަމުން ދަނިކޮށް ނިޝާތު ބޭރަށް ނުކުތީ ފޯނެއް އައުމުން ފޯނުން ވާހަކަ ދައްކަމުން ކަމަށެވެ. ނިޝާތުގެ ބައްޕަ ބުނީ ދަރިފުޅު ފޯނުން ވާހަކަ ދައްކަމުން ބޭރަށް ނުކުތް އިރު އޭނާވެސް ހުރީ ގޭގައި ކަމަށާއި ބޭރަށް ނުކުތީ އޭނާގެ މަންމަ ގޮވަނިކޮށް ކަމަށެވެ.
"އެފޯނުން ވާހަކަ ދައްކަމުން ނުކުންނަން ފެށީމާ އޭނާގެ މަންމަ ބުނި ދިރާގުގައި އުޅޭ އޭނާގެ ކޮއްކޮއެއް ދިރާގަށް ގެންގޮސްދޭށޭ. އެހެން ބުނީމަ އާނއެކޭ ތިމަންނާ މި އަންނަނީއޭ ކިޔާފައި ނުކުމެ ފޯނުގައި ހުރެގެން ހިނގަމުން ދުރަށް ދިޔައީ،" ނަސީރު ބުންޏެވެ.
ނަސީރު ބުނީ އޭނާއަށް ފޯނުކޯލެއް އައީ އޭގެ އިރުގަނޑެއް ފަހުން ކަމަށާއި އެ ކޯލުގައި އޭނާގެ ދަނބިދަރިފުޅަކު ނިޝާތު ކޮބައިތޯ އާއި ގޭގައި އުޅޭތޯ އެހި ކަމަށެވެ.
"އަޅުގަނޑު ބުނިން ދެންމެ ގޭގައި ހުއްޓޭ މިހާރު ވީތަނެއް ބައްޕައަކަށް ނޭނގެއޭ އެހެން ބުނީމާ އެހީ ކޮބައިތޯ ބަލާބަލާށޭ ތިމަންނަގެ ރައްޓެއްސަކު ގުޅާފައި ބުންޏޭ ދޮންބެ (ގޭގެ އެންމެން ނިޝާތަށް ކިޔަނީ ދޮންބެ އެވެ) ގަޔަށް ބަޔަކު ވަޅި ހަރައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް، ވަރަށް އަވަހަށް ވީގޮތެއް ބަލާބަލާށޭ،" ނަސީރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ހަބަރު ލިބުމުން ދުވެފައި ނުކުމެ ނިޝާތުގެ ފޯނަށް ގުޅި އިރު ފޯނު އޮތީ ނިންވާލާފަ އެވެ. އެހިސާބުން އެންމެން ހޮސްޕިޓަލަށް ދިޔައިރު ދަރިފުޅު އޮތީ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގެ ތެރޭގައި މުޅިން ލެއިން ތަތްތެޅިފަ އެވެ.
ނިޝާތުގެ ބައްޕަ ބުނީ ނިޝާތަށް ވީ ގޮތް މިއަދު ހެނދުނު ނިޝާތު ކިޔައިދިން ގޮތުންނަމަ އޭނާ އަށް ވަޅިން ހަމަލާދީފައި ވަނީ ދިލްބަހާރު މަގުގައި ހުންނަ ފަރަންސާ ސްޓޯރަށް އެއްޗެއް ގަންނަން ވަދެ ހުއްޓައެއް ނޫނެވެ.
"އޭނާ ބުނަނީ ފޯނުން ވާހަކަ ދައްކަމުން ދަނިކޮށް ސައިކަލްތަކުގައި ފަހަތުން ވަޅި ހިފައިގެން އަންނަން ފެށީމާ ދުވެފައި ގޮސް ފިހާރައިގެ ތެރެއަށް ވަނީ ކަމަށާއި ހަމަލަ ދޭން ފެށީ ފިހާރަތެރޭގައި ހުއްޓާ ކަމަށެވެ.
"އާނޭ ބުނާ ގޮތުން ހަމަލަ ދިނީ މުޅިން ވެސް އޭނާ ދަންނަ، ފަރިތަ ކުދިން. އަދި އޭގެ ތެރޭގައި އިސްކޮށް ހުރީ އޭނާގެ ގާތް ރައްޓެއްސެއް ކަމަށް. ހަމަލަދޭން ފެށުމުން ތިމަންނާ ބުނީމާ ކަލޭހޭ ތިމަންނަ ގަޔަށް ވަޅިޖަހަން ތިއައީ. އެކަން ކުރަން އެންމެ ރަނގު މީހަކީ ކަލޭ ހެއްޔޭ ބުނީމަ ވެސް ޖަވާބެއް ނުދީ ވަޅި ހަރަން ފެށީ ކަމަށޭ،"
ނަސީރު ބުނީ ނިޝާތަށް ހަމަލާދިން މީހުންގެ ތެރެއިން އެކެއް ފިޔަވައި އެންމެނެ ވެސް ބޭނުން ކުރީ ވަޅި ކަމަށާއި އޭގެ ތެރެއިން އެކަކު ހަމަލާދިނީ އިސްކުރު އަނބުރާ ކަށިގަނޑަކުން ކަމަށެވެ.
"ނިޝާތު ބުނާ ގޮތުން އޭނާގެ ހެޔަށް ގޮތްވެ ވާގި ދޫވެގެން ފިހާރަ ތެރެއަށް ވެއްޓުނީ އެ ކަށިގަނޑު ޖެހުމުން،" ނިޝާތުގެ މަންމަ ބުންޏެވެ. "އޭނަ ބުނީ އެންމެން ވެސް އެނގެއޭ. އޭނަ ކިޔަނީ ވަނަންތައް އެ މައުލޫމާތުތައް އަޅުގަނޑުމެން ވާނީ ފުލުހުނާ ހިއްސާކޮށްފައި،"
ރޭގެ ހަމަލާގައި ނިޝާތުގެ ހަށިގަނޑުގެ ހަތް ތަނަކަށް ވަޅި ހަރާ ފުންކޮށް ޒަހަމްކޮށްލާފައި ވެއެވެ. އޭގެ ތެރެއިން ތިން ހަމަލަ ދީފައި ވަނީ ފުރަގަހުން ބޮލަށެވެ. އެ ތިން ޒަހަމުގައި ވެސް ބޮލުގެ ނާށިގަނޑު ވަނީ ފަޅައިގެން ގޮސް ގެއްލުން ވެފައެވެ. އަތުގެ ތިން ތަނަކަށް ވަޅި ހަރާފައި ވާއިރު ފުރަތަމަ ވަޅި ހިފައިގެން ހަމަލަދޭން ކުރިމަތިލި ނިޝާތުގެ ރައްޓެހި ކުއްޖާގެ ހަމަލައިން ދިފާއުވުމަށް ވަޅީގައި ހިފަން އުޅުމުގެ ތެރޭ ކަނާތު އަތްތިލައިގެ މެދަށް ވަޅިވަދެ ހުރަހަށް ބޮޑަށް ކަފައިގެން ގޮސް ވަނީ ބޮޑެތި ޒަހަމްތައް ލިބިފަ އެވެ. ދެން ވަޅި ހަރާފައި ވަނީ ބުރަކައްޓަށެވެ.
"ޑޮކްޓަރު ވިދާޅުވީ ހުރިހާ ޒަހަމަވެސް ހުރީ ވަރަށް ފުންކޮށޭ ބޮލުގެ ނާށިގަނޑު ވެސް ތިންތަނުން ފޫގޮސްފައި ވެޔޭ އެކަމަކު ނަސީބު ރަނގަޅު ކަމުން ސިކުނޑިއަކަށް ލެޔެއް ނާރައޭ،" ނަސީރު ބުންޏެވެ.
ރޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަދި ރޭ ވަރަށް ދަންވީއިރު ވެސް ނިޝާތުގެ ހާލު އޮތީ ކަންބޮޑުވާ ހިސާބުގަ އެވެ. އެހެން ކަމުން އާއިލާއިން ވަނީ ނިޝާތަށް ފަރުވާދޭން ރާއްޖޭން ބޭރަށް ގެންދިއުމަށް ވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް ނަސީރު ވިދާޅުވީ ރޭ މެންދަމު ޑޮކްޓަރުން ނިޝާތުގެ އޮޕްރޭޝަންކޮށް ބުރިވެފައިވާ ނާރުތައް ގުޅުވުމަށްފަހު ހެނދުނު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށާއި ވަރަށް ހެނދުނާ ނިޝާތު ހޭ އަރައި ވާހަކަވެސް ދައްކަން ފަށާފައިވާ ކަމަށެވެ.
"މިހާރު ހާލު ރަނގަޅު ވާހަކަ ދައްކާ، ވާހަކަ ކިޔައިދީ ހަދާ،" ނަސީރު ބުންޏެވެ. "އެކަމަކު އެއްވެސް ސަބަބެއް ނުބުނޭ ނުވެސް އެނގޭ. އެހެންވީމަ އަޅުގަނޑުމެން ލަފާ ކުރަނީ އެއީ މިހިސާބު ގަނޑުގައި ހިންގާ މާރާމާރީތަކުގެ ތެރެއިން ހިސާބުގަނޑުގެ މީހަކަށް ހަމަލާއެއް ދޭންވެގެން ދިން ހަމަލާއެއް ކަމަށް. ދާދި ފަހުން މިހިސާބުގަނޑުގެ ނުކުޅެދޭ ކުއްޖަކު މަގުމަތީގައި ހުއްޓާ ވެސް ވަނީ ވަޅި ހަރައިފައި،"
ނިޝާތުގެ މަންމަ ބުނީ ނިޝާތަކީ ބޮޑެތި ކުށްތަކުގައި ބެދޭ ޒުވާނެއް ނޫން ކަމަށާއި އެކަމަކު ހިސާބުގަނޑުގައި ހިނގާ ހަމަނުޖެހުންތަކުގައި ނިޝާތު ވެސް ބައެއް ފަހަރު ފުލުހުން ގެން ގޮސް ސުވާލު ކުރާ ކަމަށެވެ.



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ