5.11.10

މިރާއްޖޭގައި އަތް ދަބަސް މަނާ ކުރަން

ތުނބުޅި ލީމީހުން، މޫނު ބުރުގާ، ކަޅު ހަން، މުއްލާއިން މިފަދަ ބަސްތަކަކީ ކުޑައިރުއްސުރެ އިވޭ ބަސްތަކެވެ. ފުރައްސާރައިގެ ގޮތުންނެވެ. ކޮންބަޔަކަށްތޯއެވެ؟ ﷲ އަށްޓަކައި އެކަލާނގެ ރަސޫލާ ގެންނެވި ގޮތުގައި ހިފަހައްޓާ މިހުންނާއި ދިމާލަށެވެ. އަދި އަޅުގަނޑަށް ވަރަށް ހެއްވާ ކަމެއްގެ ވާހަކަ ދަންނަވާލާނަމެވެ. ތުނބުޅިއެއް ލާފައި ހުރި މީހަކު ކަމެއް ކުރާއިރަށް ތުނބުޅި ލާފައިތިބި އެންމެން ބަދު ނާމުވެއެވެ. ތަންކޮޅެއް ކަޅު ކުލަ ގުދަ ހެދުމެއް ލާފައި ހުރި އަންހެން ކުއްޖަކު ވިޔާ ނުދާކަމެއް ކުރާއިރަށް އެބައިމީހުންގެ ޒީނަތް ﷲ އަށްޓަކައި ވަންހަނާކޮށްގެން ތިބި އަޅުގަނޑުމެންގެ އުޚްތުން ބަދުނާމުވެއެވެ. އަދި އެވަރުންވެސް ފުދުނިކީއެއް ނޫނެވެ. މި މުޖުތަމައުން "ތުބުޅި" ނައްތާލަން އެބަޖެހެއެވެ. "ކަޅުހަންތައް" މަދު ކުރަން އެބަޖެހެއެވެ. މިދެން ކިހާ ހެއްވާ ކަމެއްތޯއެވެ؟
އަޅުގަނޑަށް މިއަދު ލިބުނު ޚަބަރަކީ ރާއްޖޭގެ އަންހެން ލަވަކިޔުންތެރިޔަކު ފިހާރަޔަކުން ވައްކަން ކުރި ވާހަކައެކެވެ. މި ވައްކަން ކުރި ކުއްޖަކު ސޭޓަށް ނުފެންނަ ގޮތަށް 4 ހައިހީލް ފޮރުވިއެވެ. ކަންދިމާކުރި ގޮތުން ކައިރި ހުރި ފިހާރައިގެ ސޭޓަށް މިމަންޒަރު ފެނި މިކުއްޖާ ބަސްޓު ކޮއްލިއެވެ. އަޅުގަނޑު އެކުއްޖާގެ ވާހަކަ ދައްކާކަށް ނެތީމެވެ. އަޅުގަނޑު މިއުޅެނީ މިރާއްޖެއިން ވައްކަން މަދު ކުރާށެވެ. އަމާން ތަނަކަށް ހެދޭތޯއެވެ. އަޅުގަނޑުމެންނަށް ނޭގި މިކަހަލަ ކިތައް ވައްކަން ހިނގާފައިވާނެތޯއެވެ؟ އެހެންކަމުން މިމައްސަލައާއިމެދު ވާހަކަ ދައްކާ މިފަދަ ވައްކަންތައް މަދު ކުރުމަށް ފިޔަވަޅު އަޅަން އެބަޖެހެއެވެ. ކަމާބެހޭ ހުރިހާ ފަރާތްތަކަކުންނެވެ. އަޅުގަނޑު ގޮތެއް ހުށަހަޅާފާނަމެވެ. އެއީ އަތްދަބަސް، އެތެރެ ނުފެންނަ ކޮތަޅު ފަދަ ތަކެތި ގެންގުޅުން މިރާއްޖެއިން މަނާކުރުމެވެ. އަންހެންކުދިން ބާޒާރު ކުރަން ގެންގުޅޭ އަތްދަބަސްފަދަ އެއްޗެތި ރާއްޖެ އެތެރެކުރުންވެސް މަނާކުރަންވީއެވެ. އޭރުން ލަވަކިޔާ ކުއްޖަކަސް އަދި ލަވަ ނުކިޔާ ކުއްޖަކަށްވިޔަސް ހައިހީލްސްފަދަ އެއްޗެތި ސޭޓަށް ނުފެންނަގޮތަށް އަތްދަބަހަކަށް ނުލެވޭނެތާއެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ