ބޮއްތަކެއް އެސޮރުމެންގެ ދިރިއުޅުމާއިގެން ކުރިޔަށް އެބަދެއެވެ. ޖަންގަލީގެ ތެރެއިން ފުމެމުން ނަށަމުން، ދިޔައީ ވަރަށް ހިތް ހަމަޖެހިގެން ތިބެއެވެ. މިހެން ދަނިކޮށް މީގެތެރެއިން ދެ ބޮއް ވަރަށް ފުން ވަޅުގަނޑަކަށް ވެއްޓިއްޖެއެވެ. ދެންތިބި ހުރިހާ ބޮއްތަކެއް ވަޅުގެ ވަށައިގެން އެތުރި، ވެއްޓުނު ބޮއްތަށް ސަލާމަތް ކުރެވޭނެ ބުއްދިއެއް ލިބޭތޯ ފިކުރުކުރިއެވެ. ނަމަވެސް ހަމަ އެއްގޮތެއްވެސް ނުފެނުނެވެ. ހަދާނެ ގޮތް ހުސްވީއެވެ. ވަޅު ފުންކަމުން އެސޮރުމެން ސަލާމަތް ނުވާނެ ކަމަށް ކަނޑައަޅައިފިއެވެ.
މި ހިތި ވަގުތުގައި، ވަޅަށްވެއްޓުނު ބޮއް ވަރަށް ހިތްވަރުކޮށް، މި އަނދަވަޅުން ސަލާމަތްވޭތޯބެލިއެވެ. އެހެން ނަމަވެސް މަތީގައި ސަލާމަތުން ތިބި ބޮއްތަކުގެ ހިޔާލު ތަފާތެވެ. ވަޅުގެ ފުންމިން މަތީގަތިބޭއިރު އެސޮރުމެންނަށް އެބަފެނެއެވެ. އެހެންކަމުން ވަޅުން ސަލާމަތް ނުވާނެކަން ޔަޤީންވާތީ، ސަލާމަތް ވުމަށްއުޅެގެން ވާނީ ބައްޔެވެ. ކިތައްމެ ވަރަކަށް މަސައްކަތް ކުރިޔަސް ސަލާމަތް ނުވާނޭކަން ބުނެދިނެވެ. ކޮއްމެގޮތެއްގައިވިޔަސް ވާނީމަރެވެ. އެހެންވީއިރު އިތުރަށް ވަރުބަލިނުވެ، މަރަށް ތައްޔާރުވެގެން ވަޅުތެރޭގައި ތިބުން މާބުއްދިވެރިކަމަށް ނަސޭހަތް ދިނެވެ.
ކޮއްމެއަކަސް، މަތީގައި ސަލާމަތުން ތިބި ބޮއްތައް އެހެން ބުނިނަމަވެސް، މަރުވާން ހަމަޖެހިގެން ތިބޭކަށް ބޭނުމެއް ނުވިއެވެ. ދެ ބޮއްވެސް ވަރަށް ހިތްވަރުކޮށްފައި މައްޗަށް އެރޭތޯ އުޅުނެވެ. މާގިނަ އިރުތަކެއްނުވެ، ދެ ބޮއްވެސް ވަރަށް ބޮޑަށް ވަރުބަލިވެ މާނޭވާލެވުނެވެ. މަތީގައި ތިބި އެކުވެރިން، އޭރުވެސް، ކާމިޔާބުނުވާނޭކަމަށް ބުނެ، އިތުރަށް ލޮޑުކަން ލިބިނުގަތުމަށް ނަސޭހަތް ދިނެވެ. ގިނައިރުތަކެއްނުވެ، މީގެއިން އެއް ބޮއް، ހިތްވަރު އެލި، އުއްމީދު ކަނޑާލާ، އަލުން ވަޅުތެރެއަށް ފުއްމާލިއެވެ. އޭގެ ކައްވަޅަކީ އެތަންކަން ޤަބޫލުކުރީއެވެ. ނަމަވެސް އަނެއް ބޮއް، ދުލެއް ނުކުރިއެވެ. ހަމަ ހިތްވަރުކޮށް މަސައްކަތް ކުރީއެވެ. ހުރިހާ ބޮއްތަކެއްގެވެސް ކުރިމަތިން، ހިތްވަރު އެލުވާލި ބޮއް މަރުވިއެވެ. މިކަމާއި ހުރިހާ ބޮއްތަކެއް ހިތާމަ ކުރިއެވެ. އަދި އަނެއް ބޮއްވެސް، ބަލި ޤަބޫލުކުރުމަށް ގޮވަމުން ދިޔައެވެ.
އެތަކެއް އިރެއްފަހުން، ބަލިވެ ލޮޑުވެފައިވާ ހާލުގައި ބޮއް ވަޅުން އެރިއެވެ. ލިބުނު ކާމިޔާބަށް ހުރިހާ ބޮކެއްވެސް އެ ބޮކަށް މަރުހަބާކިއެވެ. އަދި އެމީހުން ނާކާމިޔާބު ވާނެކަމަށް އެވަރަށް ބުނިއިރު ވެސް ދޫނުކުރީ ކީއްވެތޯ ސުވާލުކުރިއެވެ. އެވަގުތު އެބޮއް، ދެންތިބި ބޮއްތަކުގެ ތުންފަތުގެ ހަރަކާތަށް ބެލުމަށް ފަހު އިޝާރާތުން ޖަވާބު ދިނެވެ. " އަހަންނަކީ ބީރު ބޮކަކީމެވެ. ތި އެންމެން ވާހަކަ ދައްކާ މަންޒަރު ފެނުމުން އަހަރެން ހީކުރީ އަހަންނަށް ހިތްވަރު ދެނީކަމަށެވެ" މިއަޑު އަހާފައި ހުރިހާ ބޮއް ތަކެއްވެސް ވަރަށް ދެރަވެއްޖެއެވެ. އެހެނީ، ހިތްވަރު ދެވުނުނަމަ، އަނެއް ބޮއްވެސް ސަލާމަތް ވީހެވެ.
އިބްރަތް : ކުދީންނޭވެ. ހިތްވަރަކީ ކާމިޔާބުގެ ތަޅު ދަނޑިއެވެ. ކަމެއް ހާސިލު ކުރަން އެދޭނަމަ ހިތް ވަރު ކުރާށެވެ. ތިކުދިންގެ އެކުވެރިންނަށްވެސް ހިތްވަރުދޭށެވެ


0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ