ވޭތުވެ ދިޔަ2009 ގައި ދިވެހިރާއްޖޭގެ އެންމެހާ އަތޮޅުތަކަށް އަމާޒުކޮށް ޖަމްޢިއްޔަތުއްސަލަފުން އިފްތިތާޙްކުރި ދީނީ ރިޙްލާގެ ސިލްސިލާއިން މިފެށޭ 2011ގައި ނ.އަތޮޅަށް ދިއުމަށް ހަމަޖެހިފައިވާކަމަށް އެޖަމްޢިއްޔާއިން އިޢުލާންކޮށްފިއެވެ. މިރިޙްލާގައި ޖަމްޢިއްޔަތުއްސަލަފު މަރްކަޒް ކުރާނީ ނ.މަނަދޫގަ ކަމަށާއި ހަމަ އެހެންމެ މުޅިއަތޮޅަށް ރިޙްލާގެ މަންފާ ކުރާނޭހެން ޖަމްޢިއްޔާގެ ޙަރަކާތްތައް ހިންގުމަށް ޤަސްތު ކުރެވިފައިވާކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
ނ.އަތޮޅުގެ އެންމެހާ ރަށްތަކުގެ އަހުލުވެރިންނަށް މިކަމުގައި ޖަމްޢިއްޔަތުއްސަލަފަށް ލަފާދީ މަޝްވަރާ ކުރުމުގެ ފުރުސަތު ޖަމްޢިއްޔަތުއްސަލަފުން ހުޅުވާލާފައިވާކަމަށް އެ ޖަމްޢިއްޔާއިންވަނީ އަންގާފައެވެ. އަދި އެ ރަށްރަށުގެ އެންމެހާ ޖަމްޢިއްޔާތަކާއި، މަންދޫބުން ޖަމްޢިއްޔަތުއްސަލަފަށް އެއްބާރުލުން ދިނުމަކީ ޖަމްޢިއްޔާގެ ވަރަށްބޮޑު އެދުމެކެވެ.
މި ރިޙްލާތަކުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކޮށް އިސްލާމީ ޞައްޙަ ޢަޤީދާއާއި ތަޢްލީމް ފަތުރައި ސުންނަތައް ދަޢްވަތުދިނުމެވެ. ވަކިންޚާއްސަކޮށް ޒުވާނުން އިސްލާމްދީނަށް އަހްލުވެރިކުރުވައި ، ދިރިއުޅުމުގެ ވައްޓަފާޅިއާއި، އުއްމަތުގެ ޤިޔާދަތު ބެލެހެއްޓޭނެ ޤާބިލުކަން އުފައްދައި ، ޢާއްމުކޮށް ރަށްރަށުގައި އެކިއެކި ރޮނގުރޮނގުން ތަހްޒީބުކުރުމަށް މަގުފަހިކޮށް، އިޖްތިމާޢީގޮތުން ދިވެހިއިސްލާމީ އުއްމަތުގައި އެކުވެރިކަމާއި ކުލުނާއި ލޯބި އުފެއްދުމެވެ.
މިކަމުގައި ނ.މަނަދޫގެ ބައެއް މަންދޫބުންނާއި އެކު ޚިޔާލު ބަދަލުކުރުމުގެ ފުރަތަމަ ބައްދަލުވުން ބޭއްވިފައިވާކަމަށް ޚަބަރުލިބެއެވެ. އެ ޖަމްޢިއްޔާއިން ބުނާގޮތުގައި ރަށްރަށުން ޖަމްޢިއްޔަތުއްސަލަފާއި މިކަމުގައި އިސްނަގައި ގުޅަމުންގެންދެއެވެ. އަދި މިގޮތުން އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވަން ބޭނުންފުޅު ބޭފުޅުން ގުޅުއްވާނީ 9911195 އަދި 7411078 އާއި ކަމަށާއި އީމޭލް މެދުވެރިކޮށްނަމަ އީމެއިލްކުރައްވާނީ admin@jamiyyathusalaf.com, media@jamiyyathusalaf.com ކަމަށް އެޖަމްޢިއްޔާއިން ހާމަކުރިއެވެ.



0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ