29.11.10

ދަރިންނަށް އަންނަ ބަދަލު

ޓީވީ ޗެނަލްތަކަކީ އަޅުގަނޑުމެންގެ ދަރީންގެ ދިރިއުޅުމާއި އެންމެ ބޮޑަށް ގުޅިފައިވާ އެއް ވަޞީލަތެވެ. މިގޮތުން އެވަޞީލަތެއްގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ ދަރީންގެ އަޚްލާޤާއި ސުލޫކީ މިންގަނޑު އެންމެ ބޮޑަށް ބަދަލުވަމުން އަންނަ އެއް ސަބަބެއްކަމުގައި ވެފައިވާ ވަޞީލަތަކީ މީޑިއާއެވެ. އާދެ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކެވެ.
މީޑިއާގެ ސަބަބުން ކުދިންނަށް އަންނަ ބަދަލްތަކާއި ބެހޭގޮތުން ފާއިތުވެދިޔަ ވިއްސަކަށް އަހަރުތެރޭގައި ސަތޭކައެއްހާ ހޯދުންތަށް ހޯދާފައިވެއެވެ. އަދި މި ހޯދުންތަކުން ދައްކާގޮތުގައި، ކުދިންގެ ވަށައިގެންވާ ޓީވީ ޗެނަލްތަކާއި މެގަޒިންތަކާއި އިޝްތިހާރުތަކާއި ލަވަޔާ މިއުޒިކާއި ފިލްމުތަކުގެ އިތުރުން އިންޓަރނެޓް ވެސް ފުރާލެވިގެންވަނީ ޖިންސީ ނުބައި މަންޒަރުތަކާއި މެސެޖުތަކުންނެވެ.
މިއީ އަޅުގަނޑުމެން ބެލެނިވެރިން އިންތިހާޔަށް ވިސްނަން ޖެހިފައިވާ މައްސަލައެކެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ދަރީން ގޮވައިގެން ޓީވީ ޗެނަލްތަށް ބަލަމުން ގެންދާއިރު އޭގައި އަންހެނަކާއި ފިރިހެނެއް ކައިރިވާ މަންޒަރު އެކަނިވެސް އެކުދިންގެ ހަލާކަކަށް ފުދެއެވެ. ކޮންމެ ޕްރޮގްރާމެއްގައި ކޮންމެ ލަވައެއްގައި ދެމީހަކު ލޯބިވާވާހަކަޔާއި ދެމީހުން އެކީ ކުރަންވީ ކަންތަކުގެ ވާހަކައިގެ މެސެޖު ކުދިންނަށް އަބަދު އަބަދު ލިބިލިބި ހުރެއެވެ. މި މެސެޖުތަށް އެކުދިންގެ ސިކުނޑިއާއި ނާރުތަކުގައި އެކުދިންނަށް ނޭންގިނަމަވެސް ހިނގަމުންދެއެވެ. އެގޮތުން އެކަންކަން ތަޖުރިބާ ކުރަންބޭނުންވެއެވެ. މިއީ އިންސާނީ ޠަބިއްޔަތެވެ. އިންސާނުންނަށް ފެންނަ ކޮންމެ މަންޒަރަކުންވެސް އަދި އިވޭ ކޮންމެ އަޑަކުންވެސް އިންސާނާއަށް އޭގެ އަސަރުކުރެއެވެ. އޭނާގެ ސިކުނޑީގައި އެ އިވުނު އަޑެއް ނުވަތަ މަންޒަރެއް އެނބުރި އެނބުރި ހުރެއެވެ. އަދި ކޮންމެވެސް އިރަކުން އެއަށް އޭނާ ޢަމަލުކުރެއެވެ.
އަޅުގަނޑުމެން ދެރަވެ ލަދުގަންނަން ޖެހެއެވެ. އަޅުގަނޑުމެން މި ހުތުރު އެއްޗިތި އެކުދިންނަށް ދައްކަނީ އެކުދިން އަޅުގަނޑުމެންގެ އުނގުތެރޭގައި ބައިންދާގެންނެވެ. މީގެ ބަދަލުގައި އެ ފާޙިޝް ޢަމަލުތަކާއި ކުދިން ދުރުކުރުވަން މަސައްކަތް ކުރަން ވެއްޖެއެވެ. އަދި މީޑިއާގެ ނުބައިކަމާއި ފަސާދައިން އެކުދީން ރައްކާތެރިކޮށް ސަލާމަތްކުރަން ވެއްޖެއެވެ. އެ ލަވަތަކާއި ފިލްމުތަކަކީ އިސްލާމްދީނުގައި ޙަރާމް އެއްޗެއްކަން އެކުދީންނަށް ބުނެދޭންވެއްޖެއެވެ. އެކުދިންގެ ރައްކަލަކަށްޓަކައެވެ. މުޅި މުޖްތަމާޢަގެ ރައްކަލައްޓަކައެވެ.
އަޅުގަނޑުމެންގެ ދަރީންނަށް ހެޔޮމަގު ދައްކުވައިދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. އެކުދީން ނުބައިކަންކަމާއި ދުރުކޮށް ހެޔޮ ކަންކަމުގައި މަޝްހޫލުވެރި ކުރުވުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ޓީވީ ޗެނަލްތަކާއި މީޑިއާގެ 95 ޕަސަންޓު އެވަނީ ޚަރާބުވެފައެވެ. ފަސާދަވެފައެވެ. ވީމާ މިފަސާދަޔާ ދަރީން ދުރުހެލި ކުރުވާށެވެ. އަދި ހެޔޮ އެއްޗިތި ދައްކާށެވެ. ދަރުސްތަކާއި މަދަޙަތަކާއި ދީނީ އަދި ދުނިޔެވީ ޢިލްމީ ކަންކަމުގައި އެކުދީން މަޝްޢޫލްކުރުވާށެވެ.
ﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވަވާށި، އަދި ނުބައިކަންތަށް އެއީ ނުބައިކަންތައް ކަމުގައި ބަލައިގަނެ އެކަމާ ދުރުހެލިވާ އަޅުންކަމުގައި އަޅަމެން ލައްވަވާށި. އާމީން

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ