2.11.10

އަހަރެންގެ މަންމަ

އަހަރެންގެ މަންމަގެ ހުންނަނީ އެންމެ ލޮލެކެވެ. އަހަރެން އޭނާއަށް ނަފްރަތުކުރަމެވެ. އޭނާ ވެފައިވަނީ އަހަންނަށްހުރި ބޮޑު ލަދެއްކަމުގައެވެ. ޢާއިލާ ބެލެހެއްޓުމަށްޓަކައި އޭނާ އަހަރެން ކިޔަވާ މަދަރުސާގެ ކުދިންނަށާއި ޓީޗަރުންނަށް ކައްކާދެއެވެ.
އަހަރެން އިބްތިދާއީ މަރުހަލާގައި ކިޔަވަނިކޮށް އެއްދުވަހަކު އޭނާ އަހަންނަށް ގޮވާލުމަށް (ސްކޫލަށް) އައެވެ. އަހަރެން ލަދުން ހަލާކު ނުވީ ކިރިޔާއެވެ. އޭނާ އަހަރެންނަށް އެހެން ހަދައިގެންވާނީ ކިހިނަކުންހެއްޔެވެ؟ އަހަރެން އޭނާ ނުފެންނަކަމަށް ހަދާފައި ނުރުހުމުގެ ނަޒަރަކުން ބަލާލުމަށްފަހު ކުލާހުން ނިކުމެގެން ދިޔައީމެވެ.
އޭގެ އަނެއްދުވަހު އަހަރެންގެ ކުލާސް ކުއްޖަކު އަހަރެންނާއި ދިމާލަށް ބުންޏެވެ، "އައްޗީ، ކަލޭގެ މަންމަގެ ހުންނަނީ އެންމެ ލޮލެކެވެ!" އަހަރެން ބޭނުންވީ އެހުރިތަނަށް ވަޅުލެވޭށެވެ. އަދި މަންމަ އަހަރެންގެ ލޯމަތިން ގެއްލިގެންދާށެވެ. އެދުވަހު އަހަރެން މަންމައާއި ބައްދަލުކޮށްފައި ބުނީމެވެ. "ކަލޭގެ ސަބަބުން އަހަރެންމިވަނީ މީހުން މަލާމާތްކޮށް ހީހަދާ މީހެއްކަމުގައި ވެފައެވެ. ކަލޭ މަރުވާންވީ ނޫންހެއްޔެވެ؟!!" އެހެން ނަމަވެސް މަންމަ އެއްވެސް އެއްޗެކޭ ނުބުނެއެވެ.
އަހަރެން ރުޅި އައިސްފައި ހުރިލެއް ބޮޑުކަމުން އަހަރެން ބުނި އެއްޗަކާއި ދޭތެރޭ ކުޑަކޮށްވެސް ޖެހިލުމެއްނުވަމެވެ. އޭގެ ސަބަބުން މަންމައަށް ކުރާނޭ އަސަރަކަށް އަހަރެން ކުޑަކޮށްވެސް ފަރުވާލެއް ނުބަހައްޓަމެވެ. އަހަރެން ބޭނުންވީ އެގެއިން ނުކުމެގެން ދާށެވެ. އެހެންވެ، އަހަރެން ވަރަށް ގަދަޔަށް ކިޔަވަން މަސައްކަތް ކުރީމެވެ. އަދި ސިންގަޕޫރަށް ކިޔަވަންދާނެ ފުރުސަތު ހޯދީމެވެ. އެތަނަށް ގޮސް ކިޔަވާ ނިންމުމަށްފަހު އަހަރެން މީހަކާއި އިނީމެވެ. އަދި އަމިއްލަ ގެއެއްގަތީމެވެ. އަދި އަހަރެންނަށް ދަރީންލިބުނެވެ. އަހަރެން އުޅުނީ ވަރަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެކެވެ.
އެއްދުވަހެއްގައި މަންމަ އަހަންނަށް ޒިޔާރަތްކޮށްލުމަށް އަހަރެންގެ ގެއަށް އައެވެ. އޭރު އަހަރެން ނުދެކޭތާ އެތަކެއް އަހަރެއް ވެދާނެއެވެ. އަދި އޭނާގެ މާމަދަރިން ދުވަހަކުވެސް ނުދެކެއެވެ. އޭނާ ދޮރުކައިރީ ހުއްޓުމުން، އަހަރެންގެ ދަރިން އޭނާއާއި ދިމާލަށް މަލާމާތްކޮށް ހީހަދަންފެށިއެވެ. އަހަރެން އޭނާއާއި ދިމާލަށް ހަޅޭއްލަވައިގަތީމެވެ. "ކަލޭ މިތަނަށް އައިސް އަހަރެންގެ ދަރިން ބިރުގަންނަވާނޭ ކަމެއްނެތެވެ. ހަމަ މިހާރު މިތަނުން ނިކުމެގެން ދާށެވެ."!!
އޭނާ މަޑުމައިތިރި ކަމާއެކު ބުންޏެވެ. "މާފު ކުރާށެވެ. އަހަންނަށް ނުބައި އެޑްރެހަކަށް އާދެވުނީ ކަންނޭނގެއެވެ." އެއަށްފަހު އޭނާ ގޮސް ލޯމައްޗަށް އޮބާލައިފިއެވެ.
އެއްދުވަހަކު އަހަރެން ކުރީގައި ކިޔެވި ސްކޫލުން ސިޓީއެއް އައެވެ. އެއީ މުސްކުޅި ދަރިވަރުންގެ ޢާއިލީއެއްވުމަކަށް އަރުވާފައިވާ ދަޢުވަތެކެވެ. އަހަރެން މިދަނީ ވިޔަފާރި ދަތުރެއްގައޭ ބުނެ އހަރެންގެ އަނބިމީހާއަށް އެތަނަށް ދާކަން އޮޅުވާލީމެވެ. އެ ބައްދަލުވުމަށްފަހު އަހަރެން ކުރީގައި އުޅުނު މުސްކުޅި ގެ ހުރިގޮތް ބަލާލާހިތުން އެގެއަށް ދިޔައީމެވެ.
އަހަރެންގެ މަންމަ ނިޔާވިކަމުގެ ޚަބަރު އަވަށްޓެރީން އަހަރެންނަށް ދިނެވެ. އެކަމާ އަހަރެން އެންމެ ކަރުނަ ތިއްކެއްވެސް ނުއޮހޮރަމެވެ. މަންމަ އަހަންނަށް ހަވާލުކުރުމަށް ދީފައިވާ ސިޓީއެއް އެމީހުން އަހަރެން އަތަށް ދިނެވެ.
އޭގައި ލިޔެފައިވެއެވެ...
"މަންމަގެ ލޯބިވާ ދަރިފުޅާއެވެ. މަންމަ އަބަދުވެސް ދަރިފުޅުމަތިން ހަނދާންކުރަމެވެ. ދަރިފުޅު ހޯދަން ސިންގަޕޫރަށް ގޮސް އަދި ދަރިފުޅުގެ ކުދިން ބިރުގެންނެވުނީތީ މާފަށް އެދެމެވެ. ސްކޫލްގައި ބާއްވާ ބައްދަލުވުމަށް ދަރިފުޅު އަންނަ ޚަބަރު ލިބުމުން މަންމަ ވަރަށް އުފާވިއެވެ. އެހެންނަމަވެސް އެދުވަހު ދަރިފުޅު ދެކިލަން ދިއުމަށްޓަކައި، އެނދުން ތެދުވެވޭނޭ ކަމެއްވެސް ނޭނގެއެވެ.
މަންމަގެ ސަބަބުން، ދަރިފުޅުގެ ޙަޔާތުގައި އެތައްފަހަރަކު ލަދުގަނެ ދެރަވާންޖެހުނީތީ ނިހާޔަތަށް މާފަށް އެދެމެވެ. ދަރިފުޅަށް އެނގޭ ހެއްޔެވެ..؟ ދަރިފުޅު ވަރަށް ކުޑައިރު އެކްސިޑެންޓެއްވެ، ދަރިފުޅުގެ އެއް ލޯ ހަލާކުވެ އެލޮލުގެ ފެނުން ގެއްލުނެވެ. މަޔަކަށް ވީތީ، ދަރިފުޅު އެންމެ ލޮލަކާއިއެކު ބޮޑުވާތަން ބަލަން މަންމައަކަށް ކެތެއް ނުވިއެވެ. އެހެންވެ މަންމަގެ އެއް ލޯ ދަރިފުޅަށް ދިނީއެވެ...
މަންމަގެ ލޮލުން ދަރިފުޅަށް މުޅިދުނިޔެ ރީއްޗަށް ފެނުމަށް މަގުފަހިވީތީ މަންމަ އެކަމާއި ވަރަށް އުފާވެ ފަޚުރުވެރިވީމެވެ.
ލޯތްބާއިއެކު... ދަރިފުޅުގެ މަންމަ"

سبحان الله...
އަޅުގަނޑުމެންމެ މައިންބަފައިން ދަތި އުނދަގުލާއި ވަރުބަލިކަމާއިއެކު އަޅުގަނޑުމެން ބަލާ ބޮޑުކުރުމުން އެމީހުންނަށް ޢަދާކުރަންޖެހޭ ޙައްޤު ފުރިހަމަގޮތުގައި އަޅުގަނޑުމެން އަދާކުރަމުތޯއެވެ؟
"އަދި ހަމަކަށަވަރުން ﷲފިޔަވައި އެހެން ފަރާތަކަށް ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި އަދި މައިންބަފައިންނަށް އިޙްސާންތެރިކޮށް ހިތުމަށް ކަލޭގެފާނުގެ ވެރިރައްބު ޢަމުރުކުރެއްވިއެވެ. ފަހެ އެދެމީހުންކުރެ އެކަކު ނުވަތަ އެދެމީހުން މުސްކުޅި ޢުމުރަށް އަޅައިފިނަމަ އެދެމީހުންނަށް އުއްފުގެ މިންވަރުވެސް ނުބުނާހުށިކަމެވެ. އަދި އެދެމީހުންނަށް އަޑުލައި ނުހަދާށެވެ. އެދެމީހުންނަށް ރިވެތި މަޑުމޮޅި ބަސްތަކުން ވާހަކަދައްކާ ހަދާށެވެ." { سورة الإسراء:23}
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އާއި ޞަޙާބިއްޔަ ބޭކަލަކު ސުވާލު ކުރެއްވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. ތިމަން އެމީހަކަށް އެންމެ ހެޔޮކޮށް ހިތުމަށް ޙައްޤުކަން ބޮޑީ ކާކު ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. ދެންވެސް އެއްސެވިއެވެ. ދެންކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިބާގެ މަންމައެވެ. ދެންވެސް އެއްސެވިއެވެ. ދެންކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިބާގެ މަންމައެވެ. ދެއްވެސް އެއްސެވިއެވެ. ދެންކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިބާގެ ބައްޕައެވެ." { رواه البخاري (5514) و مسلم (4621)}

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ