23.10.10

އޭޝިޔާ ބައްރުގެ ރެޕްރެޒެންޓޭޓިވް އަކަށް ދިވެހި ރާއްޖެ


އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ސައިންޓިފިކް އިނޮވޭޝަންގެ މަޝްވަރާގެ މަޖްލީސް ނުވަތަ ކޮންސަލްޓޭޓިވް ކައުންސިލްގެ އޭޝިޔާ ބައްރުގެ ރެޕްރެޒެންޓޭޓިވް އަކަށް ދިވެހި ރާއްޖެ ހޮވިއްޖެއެވެ. ތިންބައްރުގެ މަށްޗަށް އެކުލެވިފައިވާ މި ޖަމާއަތުގެ އޭޝިޔާ ބައްރު ތަމްސީލް ކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެން ދިޔައީ މެލޭޝިޔާގެ ވެރިރަށް ކުއާލާ ލާމްޕޫރްގައި މިމަހުގެ ނަވާރައިން އެކާވީހަށް ބޭއްވި އޯއައ.ސީ ގެ މެމްބަރު ޤައުމުތަކުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުންގެ ފަސްވަނަ ބައްދަލުވުމުގެ ތެރޭގައި އިންތިޚާބް ކުރެވިގެންނެވެ.

މިމަޝްވަރާ ކައުންސިލްގެ ރެޕްރެޒެންޓޭޓިވް އަކަށް ރާއްޖެ ވުމުން އޯއައިސީ އިން އެކުލަވާލާ ސްޓްރެޓެޖީ ތަކުގައި ހިއްސާވުމުގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް މަންފާތަކެއް ލިބިގެންދާނެކަމަށް މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ އަހަރަކު އެއްފަހަރު މެމްބަރު ޤައުމުތަކުން ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މެމްބަރު ޤައުމުތަކަށް މަތީ ތައްލީމްގެ ދާއިރާގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މިދާއިރާގައި އެޤައުމަކުން ގެންގުޅޭ ސިޔާސަތުތަކާއި ފަންނުވެރިކަން މެމްބަރު ޤައުމުތަކުގެ މެދުގައި ހިއްސާ ކުރެވޭނެއެވެ.

ރާއްޖެއަކީ އޯއައިސީ ގެ ޤައުމުތަކުގެ ތެރެއިން އެންމެ ކުޑަ ޤައުމަށްވެފައި ރާއްޖެއަކީ މަތީ ތައްލީމްގެ ފުރުޞަތުތަށް މަދު އަދި އެފަދަ ފުދުންތެރިކަން ކުޑަ ޤައުމެއްކަން މި ބައްދަލުވުމުގައި ޑރ. އަބްދުﷲ ނަޒީރު ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖެއަށް މިދާއިރާއިން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެހީ ބޭނުންވާ ދާއިރާތަށް މިބައްދަލުވުމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

1 ޚިޔާލު:

Anonymous said...

އެ މިހާރު ހާދަ ސަޅި ކޮއްލައިފިޔޭ ދޯ. ރަގަނޅު މިހާރު ވަރަށް ރަގަނޅު ވޭ އެބަ. މިހާ ކުޑަ ދުވަސް ކޮޅަކާ ބަލާފަ ވަރަށް ފައްކާ

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ