21.10.10

މިކަންކަމާމެދު ވިސްނަވާލެއްވީމުތޯ؟



" ހަމަކަށަވަރުން މުއުމިނުން ދިންނަވައި ނަސީބު ލިބިގެންފިއެވެ. އެމީހުންނީ އެމީހުންގެ ނަމާދުގައި ކިޔަމަންތެރިވެ، ނިކަމެތިވެތިބޭ މީހުންނެވެ." (ސޫރަތުލް މުއުމިނޫން 1،2)

މިސްކިތަކީ ބިންމަތީގައިވާ މާތްﷲގެ ގެކޮޅެވެ. މިފަދަ މާތް، މުޤައްދަސް ތަންތާނގައި އުޅޭއުޅުމުގައި މަޑުމައިތިރިވުމަކީ އިސްލާމީ ރިވެތި އާދައެކެވެ. މީހުން ނަމާދު ކުރަން ތިއްބާ އެބައިމީހުންނަށް އުނދަގޫވާނޭ ފަދައިން މިސްކިތް ތެރޭގައި ދުވެ، ސަކަރާތްޖަހާ ހެދުމަކީ ވަރަށް ދަށު ދަރަޖައިގެ ހަޑިހުތުރު ޢަމަލެކެވެ. ތިމާ ނަމާދަށް ދިއުމަށް ނިޔަތްގަނެ، ވުޟޫކޮށްގެން މިސްކިތަށް ދިޔުމަށްޓަކައި ނުކުންނަހިނދުން ފެށިގެން ތިމާއަށް އެހުރެވެނީ ނަމާދުގެ ތެރޭގައިކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. ނަމާދުގައި ތިބެންވާނީ ނިކަމެތިކަމާއި މަޑުމޮޅިކަމާއިއެކު ﷲ އަށް ބިރުވެތިވާ ޙާލުގައެވެ.

މީހަކު ނަމާދަށް ހުއްޓާ އޭނާގެ ކުރިކަނޑާ ދިއުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަރަށްބޮޑަށް މަނާކުރައްވާފައިވާ ކަމެކެވެ. ޒައިދު ބުނު ޚާލިދު ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. " މީހަކު ނަމާދު ކުރަން ހުއްޓާ އޭނާގެ ކުރިކަނޑާ ދާ މީހާ، އޭނާއަށް ފާފައިގެ ގޮތުން ލިބޭނޭ މިންވަރު އެނގޭނަމަ، ނަމާދުކުރަން ހުރި މީހާގެ ކުރިކަނޑާ ދިއުމަށްވުރެ (އެމީހާ ނަމާދުކޮށް އަވަދިވުމުގެ އިންތިޒާރުގައި) 40 ވަންދެން ކޮޅަށްހުރުންވެސް މާ ރަނގަޅު ކަމުގައި އޭނާއަށް ޤަބޫލު ކުރެވޭނެއެވެ."

ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ހަދީޘެއްގައިވެއެވެ. " ތިޔަބައިމީހުންގެ ތެރޭން މީހަކު ސުތުރާއެއްގެ ފުރަގަހުގައި ހުރެ ނަމާދު ކުރަނިކޮށް މީހަކު ތިމާގެ ކުރިކަނޑާ (ތިމާއާއި ސުތުރާއާއި ދެމެދުން) ދަނީނަމަ، އެހެން ދިމާއަކުން ދިއުމަށް އޭނާއަށް އިޝާރާތްކޮށް އޭނާ ހުއްޓުވާށެވެ. އޭނާ އެގޮތާއި އިދިކޮޅުހެދިނަމަ އޭނާ ވާނީ ޝައިޠާނަކަށެވެ. އޭނާ ހުއްޓުވުމަށް ބާރުގެ ބޭނުން ކުރާށެވެ." (މިފަދަ ޙާލަތުގައި އެ ނަމާދު ކުރަން ހުރި މީހާއަށް، އޭނާގެ ނަމާދު ބާޠިލުވުމަކާއި ނުލާ، ކުރިކަނޑާ ދާން އުޅުނުމީހާ ކޮއްޕާވެސް ލެވިދާނެކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.)

(ސުތުރާއަކީ ތިމާ ސަޖިދަކުރާއިރު ނިތްކުރި ޖެހޭ ހިސާބަށްވުރެ ކުޑަތަންކޮޅެއް ކުރީގައިވާ ހުރަހެކެވެ. މިސާލަކަށް - މިސްކިތުގެ ފާރެއް، ތަނބެއް ނުވަތަ ތަޅަންމަތީގައި ބާއްވާފައިވާ އެއްޗެކެވެ.)

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ