13.10.10

ދަންޖެހުނީ ލޯބީގެ މައްސަލައެއްގަ

ދާދި ފަހުން ގދ.ތިނަދޫގައި 17 އަހަރުގެ އަންހެން ކުއްޖަކު ދަންޖެހިފައި ހުއްޓާ އޭނާގެ މަންމައަށް ފެނިގެން އެވަގުތު ސަލާމަތްކުރިއެވެ. ނަމަވެސް އޭނާގެ ޙާލު ބޮޑުވެގެން މާލެގެނެސް ފަރުވާދެމުން ދަނިކޮށް އެކުއްޖާ މަރުވި ޚަބަރު މިހާރުމިވަނީ މީޑިއާތަކުން ހާމަކޮށްފައެވެ.
ދަންނަވަންތޯއެވެ؟ މީހަކު، މީހަކުދެކެ ލޯބިވުމަކީ ކުށެއްނޫނެވެ. ފާފައެއްވެސްނޫނެވެ. އަދި ކޮންމެ ޢުމުރެއްގައިވެސް އެހެންމީހަކުދެކެ ލޯބިވެވިދާނެއެވެ. އެއީ އިންސާނުންގެ ޠަބީޢަތުގައި ލައްވަވާފައިވާ ކަންކަމަށް ވާތީއެވެ. މައްސަލައަކީ ލޯބި އޭގެ އިމުން ބޭރުވެ، އޭގެ ދުނިތައް ގިރާކޮށް ދާދިއުމެވެ. މިކަން ހަމައެކަނި މިޙާދިޘާއިންވެސް ކަށަވަރުވެގެން ހިނގައްޖެއެވެ.
އަޅުގަނޑުމެންގެ ރާއްޖޭގެ މިންގަނޑުން މިކުއްޖަކީ "ކުޑަ" ކުއްޖެކެވެ. ނަމަވެސް އެހެންމީހަކުދެކެ ލޯބި ވެވުނީތާއެވެ. އެކަމަކުންކުރާނެކަމެއްނެތެވެ. މިޤާނޫނު ބުނާގޮތުން 18 އަހަރު ނުފުރެނީސް ކައިވެނިކުރުން މަނަލެވެ. ދީނަށް ޙުރުމަތެއް ނުބަހައްޓާ ކުއްޖަކުވިއްޔާ އެހެނިހެންގޮތްގޮތުން އުފާ ޙާޞިލުކުރަމުންދާންވީއެވެ. ނުވަތަ ޒިނޭ ކުރަމުންދާންވީއެވެ. އެކަން މިހާރުވެސް މިޤައުމުގައި ޢާއްމުވެފައިވެއެވެ. ސްކޫލުތަކުގައި ޢުމުރުން 9 އަހަރުގައިވެސް ކުދިންނާއި ހިތާވެގެން މިހާރު އުޅެއެވެ. ގިނަކުދިންގެ ބޯއީފްރެންޑެއް ނުވަތަ ގާރލްފްރެންޑެއް ހުރެއެވެ. ނެތިއްޔާ އެކުއްޖަކުވަނީ ވަރަށް "ކަޓު" ކުއްޖަކަށެވެ. ނަމަވެސް ދީނީ އަޚްލާޤީ މިންގަނޑުގެ ތެރެއިން ކުދިންނަށް ކިޔަވައިދޭ ބެލެނިވެރިންވެސް ފަހަކަށް އައިސް ގިނަވަމުން ދާކަން ފާހަގަ ކުރަންޖެހެއެވެ.
މިޤައުމުގައި ދަންޖެހުމަކީ ޢާއްމު ކަމެކެވެ. ފައިސާގެ މައްސަލަތަކުގައެވެ. ލޯބީގެ މައްސަލަތަކުގައެވެ. ނުވަތަ ކޮންމެވެސް އެހެނިހެން މައްސަލައެއްގައެވެ. މިއީ އަޅުގަނޑުމެން މިއަދު ވިސްނާ ފިކުރު ކުރަން ޖެހިފައިވާ މައްސަލައެކެވެ. ޤައުމު އެދިގޮވަމުންދަނީ ސިޔާސީ ކަންކަމުގައި އުފެދޭ ހަމަނުޖެހުންތައް ޙައްލުކުރުމަށް އެކަންޏެއް ނޫނެވެ. އިސްލާމީ އުންމަތާއި ދިވެހި ޤައުމު ގޮވަމުންދާ އެދުންތައް ފުރިހަމަކޮށްދިނުމުގެ ވާހަކަ ދައްކަންވެސް ޖެހެއެވެ. އެއީ މިފަދަ ފާޙިޝް، ބޮޑެތި މުންކަރާތްތަކުން ދިވެހި އިސްލާމީ އުންމަތް ސަލާމަތް ކޮށްދިނުމެވެ. މިއީ މިއަދުގެ ނިދާކަމުގައި އަޅުގަނޑުމެންގެ ޚަބަރު ފަތުރާ ވަޞީލަތްތަކުން ޢާންމުކުރަން ނުވަނީ ތޯއެވެ؟
ލޯބީގެ މައްސައެއްގައި އަމުދުން ކުޑަކުއްޖަކު ދަންޖެހުމަކީ ވަރަށްބޮޑަށް ވިސްނާލަންޖެހޭކަމެކެވެ! އެހެނީ މިކަންކަން ޢާންމުވަމުން މިދަނީ މުޖުތަމަޢުގައި މިކަންކަމަށް ހުޅުވޭ ދޮރުތަކުގެ ސަބަބުންނެވެ. ބެލެނިވެރިންގެ އިހުމާލުންނެވެ. ނޫނީ ކުދިން ތަބާވާން ޖެހިފައިވާ ޤާނޫނާއި ޤަވާއިދު ތަކުގެ ސަބަބުންނެވެ. މިފަދަ އެއް މިސާލަކީ ދެޖިންސު އެއްކޮށް ކިޔަވައިދޭން ފެށުމެވެ! ވިސްނަވާ ބައްލަވާށެވެ! ކުދިންގެ ތެރޭގައި ލޯބީގެ މައްސަލަތައް ފެށޭ ދަރުބާރަކަށް މިއަދު ވެފައި މިވަނީ ސުކޫލުތެރޭގެ މާޙައުލެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ