ބައްޕަޔަކު އޭނަގެ ސާދަ ފަނަރައަށްދާ އަންހެންދަރިފުޅުގެ ކޮޓަރިއަށް އެއްދުވަހަކު ވަނެވެ. ކޮޓަރި ތެރެ ފެންނަނީ ވަރަށް ރީއްޗަށް ތަރުތީބު ކުރެވިފައިވަނިކޮށެވެ. އަދި ވަރަށް ރީތިކޮށް ކުނިކަހާ ސާފުތާހިރު ކޮށްހަދާފާ ވަނިކޮށެވެ. ބައްޕަވަރަށް އުފާވެހުރެ ކޮޓަރީގެ އެކިއެކި ދިމާއަށް ރަގަޅަށް ކަޅިހިންގާލިވަގުތު އެނދު މަތީގައި އޮތް ބާލީސް ކައިރީގައި އޮތް ސިޓީއުރައެއް ފެނުނެވެ. ސިޓީއުރައިގެ ބޭރުގައި ޖަހާލައިފާއޮތީ " ބައްޕައަށް " މިހެންނެވެ. ލިބުނީ ހައިރާން ކަމެކެވެ. ތުރުތުރު އަޅާއޮތް އަތަކުން ބިރުވެރިކަމާ އެކު ބައްޕަ އަވަސް އަވަހަށް ސިޓީއުރަކަނޑާލިއެވެ.ލޯބިވާ ބައްޕައަށް
ހެޔޮދުޢާ ސަލާމަށް ފަހު ލިޔަމެވެ.
އަހަރެން މިސިޓީ މިލިޔަނީ ވަރަށް ހިތްހަމަ ޖެހިގެންހުރެ ވަރަށް އުފާވެރިކަމާއި އެކުގައެވެ. ބައްޕައަށް އޮޅުވާލާކަށް ނެތީމެވެ. އެކަމަކު މިވަގުތު އަހަރެން މިއުޅެނީ ގެއިން ބޭރުގައެވެ. އަހަރެން ގެ ސިއްރު ކައިވެނި ކުރުމަށް އައިހެވެ. އަހަރެން މިހުރީ އަހަރެން ގެ ބޯއީ ފުރެންޑް " ސުޖާއު " ގެ ހިމާޔަތުގެ ދަށުގައެވެ. އޭނަގެ ގޭގައެވެ. އަހަރެން ބޭނުންވަނީ މިހުރިހާ ކަމެއް ބައްޕައަށާއި، އަދި މަންމައަށް ސާފުކޮށް ކިޔައިދޭށެވެ.
އަހަންނަށް ވަނީ ސުޖާއުގެ ކިބައިން ޙަޤީޤީ ދިިރިއުޅުމުގެ އުފާ ދަސްވެފައެވެ. އޭނައަކީ ވަރަށް ބަރާބަރު މީހެކެވެ. އޭނާ އަހަންނަށް ވަރަށް ރަގަޅެވެ. ވަރަށް އޯގާތެރިއެވެ. ބައްޕައަށް ވެސް އޭނަ ފެނިއްޖެ ނަމަ ބައްޕަވަރަށް އުފާވާނެކަން އަހަންނަށް ހަމަ ޔަޤީންވެއެވެ. އޭނަގެ ގައިގެ އެތަންމިތާނގައި ޖަހާފައި އެހެރަ ރީތި ރީތި ޓެޓޫ ތަކާއި، ކަންފަތާއި ނޭފަތާއި، މޫނުމަތީގެ ތަން ތަން ތޮރުފާފަ އަޅުވާފަ އެހެރަ ރަންރިހީގެ ބޮޅުތަކުން ބައްޕަ ހިތްފުރިގެން ދާނެކަން އަހަންނަށް ހަމަޔަޤީންވެއެވެ. އަދި އޭނަ ލައިގެން އެހުންނަ ގަމީހާއި ފަޓޫލޫނުގެ އެތަންމިތަން ވީދާފާ އެހުންނަ ހުރުމުން އޭނަގެ ފުރިހަމަ ކަން އިތުރު ކޮށްދެއެވެ.
އެކަމަކު އޭނަގެ ފުށުން ލިބުނު ހިތްހަމަ ޖެހުމާއި، އުފާވެރިކަމަކީ ހަމަ އެކަނި އެއެއްނޫންނެވެ. ލޯބިވާ ބައްޕާއެވެ. މިއަދު އަހަރެން މިއިނީ ބަލިވެއެވެ. ސުޖާއު ބުނި ފަދައިން ސުޖާއުގެ ވަޢުދު މިއަދު މިއޮތީ އަހަންނަށް ޓަކައި ފުއްދައިދީފައެވެ. އަހަންނަށް ލޯބިލޯބިކުއްޖަކު ހޯދަދޭނެ ވާހަކަ ސުޖާއުވަނީ އަހަރެންގެ ގާތު ތަކުރާރު ކޮށް ބުނެ ވަޢުދުވެފައެވެ. އެކަން މިހާރު މާތްކަލާގެ ރަހުމަތްފުޅުން ޙާސިލްވަނީއެވެ.
ސުޖާއުއަކީ އަހަންނަށްވުރެ އެތައް ގުނައެއް ދޮށީމީހެއްކަމަކު ސުޖާއުގެ ކިބައިން ފެންނަނީ ޒުވާންކަމުގެ ޖޯޝެވެ. ސުޖާއުއަކީ ޢުމުރުން 42 އަހަރުގެ މީހެކޭ އޭނަގެ ޙަޤީޤަތް އެނގޭ އެއްވެސް މީހަކު ނުބުނާނެއެވެ. އެހާވެސް ކުޅަދާނައެވެ.
ލޯބިވާ ބައްޕާއެވެ. އަހަރެމެން އަތުގައި ފައިސާއެއް ނެތެވެ. އެކަމަކު އަހަރެން އެކަމާ ހާސްވާކަށް ނުޖެހެއެވެ. ސުޖާއު ކޮންމެވެސް ގޮތަކުން ފައިސާހޯދާނެއެވެ. އެއީ އޭނަގެ މަންމަގެ ޕާރސް އިން ކަމަށްވިޔަސް ހެވެ.
ލޯބިވާ ބައްޕާއެވެ. ސުޖާއު އަތުގައި ވަރަށް ސަޅި ލަވަސީޑީތައްވެސް ހުރެއެވެ. އެންމެ ފަހުގެ ރޮކް މިޔުޒިކް ސީޑީތަކާއި، ފަހުގެ ބޮލީވުޑް ފިލްމްތައްވެސް ހުރެއެވެ. އެހުރިހާ އެއްޗެއްވެސް އަހަންނަށް ދައްކާހަދައެވެ. އަދި އަހަންނަށް ދޭނެވާހަކަވެސް ސުޖޭއު ބުންޏެވެ.
ލޯބިވާ ބައްޕާއެވެ. އެއީ ތެދެކެވެ. އަހަރެންގެ ބޯއީ ފުރެންޑް ސުޖާއުގެ އެހެން ގަރލްފުރެންޑެއްވެސް ހުރެއެވެ. އެކަަމަކު އަހަންނަށް އޭނާ ބޭވަފާތެރި އެއް ނުވާނެއެވެ. އޭނައަހަންނަށް ފުރިހަމައަށް އިތުބާރުކުރާނެއެވެ. އަދި އަހަރެންވެސް އޭނައަށް ފުރިހަމައަށް އިތުބާރުކުރަމެވެ.
އޭނާ އަހަންނަށް ބައިވަރު ކުދިން ހޯދައިދޭން ބޭނުންވެއެވެ. އެގޮތުން މިހާރު އަހަންނަށް ފުރަތަމަ ދަރިފުޅު އޭނަގެ ފުށުން ލިބެން މިއުޅެނީއެވެ. މިއީ އަހަރެންގެ ފުރަތަމަ ހުވަފެންވެސް މެއެވެ.
ސުޖާއު މިހާރު އަހަންނަށް އެހެން ކަމެއް ވެސް ދަސްކޮށްދީފިއެވެ. ބައްޕާއެވެ. މަރުޖުއާނާ ބޭނުންކުރަންވެސް އަހަންނަށް މިހާރު އެގެއެވެ. އެއީކީ ކޮންމެ ކޮންމެ މީހަކަށް ކުރަން އެނގޭނެ ކަމެށް ނޫންކަން ޙުދު ބައްޕަޔަށްވެސް އެނގޭނެއެވެ. އެއީ މީހުން އެކިޔާކަހަލަ ހަށިގަނޑަށް ގެއްލުން ދޭ އެއްޗެއްނޫނެވެ. ސުޖާއުގެ އަމިއްލަގޭގަވެސް އޭގެ ގަސްތައް ހައްދައެވެ. އެއީ އަހަންނަށާއި އަދި އެބޭނުންވާ އެހެންމީހުންނަށްދޭށެވެ. އަދި ގަންނަން އަންނަމީހުނަށް ވިއްކާށެވެ. ހުރިހާ މުނާސަބަތުތަކެއްގައިވެސް އަދި އަހަރެމެން އެކަކު އަނެކަކާ ބައްދަލުވާހިނދުވެސް އޭގެ ބޭނުން އަހަރެމެން ކުރަމެވެ.
އަހަރެމެން މިހާރު ދުޢާ މިކުރަނީ ސައިންސް ވެރިންނަށް އެއިޑްސް ބަލީގެ ވެކްސިން ހޯދޭތޯއެވެ. އެދުވަހެއް އަވަހަށް ދައްކަވާށިއެވެ. އޭރުން އަހަރެންގެ ސުޖާއަށް ފަރުވާއެއް ދެވޭނެއެވެ. އޭނަ އެބަލިން އަވަހަށް ރަގަޅުވާނެއެވެ.
ބައްޕާއެވެ. ހާސްނުވާށެވެ. އަހަރެންގެ ޢުމުރުން މިހާރު 15 ދޯއެވެ. އެހެންވީމާ އަހަރެންގެ ސަލާމަތް އަހްނަށް ހޯދޭނެއެވެ. އަހަރެން ސިއްހަތަށް ވަރަށް ބަލަމެވެ. މިއުޅެނީ ވަރަށް ވިސްނައިގެންނެވެ. ކޮންމެވެސް ދުވަހަކުން އަދި ބައްޕަމެންނާއި ބައްދަލުވާނެއެވެ. އެދުވަހަކުން ބައްޕަގެ ކާފަދަރިންކޮޅު ބައްޕައަށް ފެންނާނެއެވެ. މިހިސާބުން މިސިޓީ ނިންމާލަމެވެ.
އިޙްތިރާމް ޤަބޫލް ކުރުން އެދެމެވެ.
ބައްޕަގެ ލޯބިވާ
(ނިލްމާ)
މިސިޓީ ނިންމާލުމަށްފަހު ބައްޕައަށް މާނޭވާއެއް ލެވުނެއެވެ. އަދި ބޮލުގައި އަތްކާތާލެވުނެވެ. މުޅި ބިންގަނޑު ފައިދަށުން ދެމިގެން ދިޔަކަހަލައެވެ. އޭނަގެ ހުރި އެންމެ އަންހެންދަރިއެވެ. ވާނީ އެހެން ނޫންހެއްޔެވެ. އެހާ ފޮނިއުންމީދު ތަކާއި، އެކު ތަރުބިއްޔަތު ކުރަމުން އައި ދަރިފުޅު މިއޮއްގެން ހަލާކުވެ ނިމުނީއެވެ. ހާދަހާ ދެރައެވެ. މާތް ﷲ މަގޭ ދަރިފުޅު މިނުރައްކަލުން ސަލާމަތް ކުރައްވާށިއެވެ.
ބައްޕަ އަށް ރޮވިއްޖެއެވެ. ސިޓީ އަތުން ދުވެގެން އެނދުމައްޗަށް ވެއްޓިއްޖެއެވެ. ވެއްޓުނު ވަގުތު ސިޓީގެ އަނެެއް ފަރާތްވެސް ފެނިއްޖެއެވެ. ސިޓީގެ އަނެއްފަރާތުގައި ވެސް ކޮންމެވެސް އެއްޗެހިތަކެއް ލިޔެފާވާތީ އެބައިވެސް ކިޔާލުމަށް ބައްޕަ އަވަސްވެ ގަތެވެ. ކެތްމަދުވެފާވާ ޙާލުގައެވެ.
ލޯބިވާ ބައްޕާއެވެ. ހާސްވެނުލައްވާށެވެ. ސިޓީގައި އެވަނީ ހުސްދޮގެވެ. އަޅުގަނޑު މިހިރީ ބޮޑުދައިތަ ގޭގައެވެ. އަޅުގަނޑު ބޭނުންވީ އެހުރިހާ ނުބައިކަމެއް އަޅުގަނޑަށް އެނގޭކަން ބައްޕައަށް އަންގާލުމެވެ. އެއީ ނުބައި ނުލަފާ ވެއްޖެނަމަ ދިރިއުޅުމުގައި ދިމާވެދާނެ އެންމެހައި ނުބައި ގޮތްތައްކަން އަޅުގަނޑަށް އެނގެއެވެ. ބައްޕަ އަޅުގަނޑަށް ކުރައްވާ އިތުބާރާއި ޔަޤީން ކަން އަޅުގަނޑަށް އެގެއެވެ.
މިއަދަކީ ފުރަތަމަ ސެމިސްޓަރ ގެ ރިޕޯޓް ސްކޫލުން ދޫކުރި ދުވަހެއެވެ. އަޅުގަނޑުގެ ރިޕޯޓް ފޮތް މޭޒުވަތް ގަނޑުގައި އޮންނާނެއެވެ. އަޅުގަނޑު ދާންވާއިރަށް ރިޕޯޓް ފޮތުގައި ބައްޕަ ސޮއިކޮށްލައްވާށެވެ. ބެލެނިވެރިޔާ ސޮއިކުރަން އިން ގޮޅީގައެވެ. އަޅުގަނޑު ވަރަށް އަވަހަށް އެބަދަމެވެ. މިއަދު ހަވީރު ސްކޫލަށް ރިޕޯޓް ފޮތް ގެންދަންވެސް ޖެހެއެވެ.
ބައްޕަގެ ލޯބިވާ ދަރިފުޅު
(ނިލްމާ)
ބައްޕަ އުފަލުން ފޮޅިއްޖެއެވެ. ހާދަލާނެއް ކުއްޖެކެވެ. މަގޭދަރިފުޅު ޅައެއްޗެއް ނާޅާނެއެވެ. ﷲ އަށް ހަމްދު ހުއްޓެވެ.


0 ޚިޔާލު:
Post a Comment
މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ