22.10.10

ޒިނޭކުރާ މަސާޖު ޕާލާތައް

ބިންމުޙައްމަދުގެ ލިޔުމެއް ސުނާމީ ކާރިޘާ އަކީ ދިވެހިންނަށް ފަހުގެ ތާރީޚެއްގައި ދިމާވި އެންމެ ހިތާމަވެރި އަދި އެންމެ ޢިބްރަތުން ފުރިގެންވާ ޙާދިޘާއެވެ. މިކަމުގެ ސަބަބުން ހިތުގައި ކުޑަނަމަވެސް ބިރުވެތިކަމެއް ހުރި މީހަކުނަމަ އިސްލާޙްވެ، ޙައްޤުމަގަށް ރުޖޫޢަވެގަތެވެ. އަދި އަނެއްބަޔަކު އެ ޢިބްރަތްތެރި ޙާދިޘާގެމަތިން ދުވަސްކޮޅެއްގެ ތެރޭގައި ހަނދުމަ ނައްތާލިއެވެ. އެފަދަ މީހުންގެ ޖާހިލުކަން އެބައިމީހުންގެ އަމިއްލަ އަތްތަކުން އިތުރުކުރޫއެވެ. އޭގެ ކުރިން އުފެދިފައި ނުވާފަދަ ފާޙިޝް ކަންތައްތައް މުޖުތަމަޢުގައި އުފެދުނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ﷲ ގެ ކޯފާއެއް މުސްތަޤްބަލުގައި ވެސް އަތުވެދާނެކަމާއިމެދު ވިސްނުމެއް ނެތިއެވެ.
ދިވެހިރާއްޖޭގައި މަސާޖްޕާލާތައް އިންތިހާއަށް ގިނަވެ އެކަމުގެ ވިޔަފާރި ފަތުއަޑުކިޔާފައި ކުރިއަރައިގެން ދިޔައީވެސް މިދެންނެވި ސުނާމީކާރީޘާގެ ފަހުންނެވެ. ހަށިގަނޑަށް ލިބޭ ތަފާތު އުނދަގޫތަކާއި ތަދުތަކުން ލުއި ހޯދުމަށް ވަރަށް ގިނަބަޔަކު މިތަންތަނަށް ގޮސް ހަދިއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އެފަދަ ތަންތަނުގައި ހަށިވިއްކުމާއި ބަދުއަޚްލާޤީ ޢަމަލުތައް ހިންގާކަމަށް ބުނެ އެފަދަ ތަންތަން ހިންގުމާއި ދެކޮޅުހަދަމުން ދިޔައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މަސާޖުޕާލާތަކަށް ދޫކޮށްފައިވާ ލައިސަންސްތައް ބާޠިލުކޮށް އެތަންތަން ބަންދު ކުރުމަށް އޭރުގެ ސަރުކާރަށް މަޖުބޫރުވުމެވެ.
ދުވަސްގަނޑެއްފަހެވެ. ބަންދުކުރެވުނު މަސާޖުޕާލާތަކުގެ ނަންބޯޑުތައް ކްލިނިކްތަކަށް ބަދަލުވިއެވެ. ނަމަވެސް ދެމުން ގެންދިޔައީ ކުރީގެވެސް "ޚިދުމަތެވެ." ހަމަ ކުރީގެ މުވައްޒަފުންނެވެ. އެއީ ތައިލެންޑާއި ބެންކޮކްފަދަ ޤައުމުތަކުގެ ހަށިގަނޑުގެ ކުލަ އަލި، ޒުވާން އަންހެން އަދި ފިރިހެން "ޑޮކްޓަރުން" ނެވެ. ނަމަވެސް "ކްލިނިކް" އެވެ ބުނާތީ ބަޔަކު މިކަމާއި ދައްކާނެ ވާހަކައެއް ނެތި ހަނު ތިއްބެވެ. މިދެންނެވި މަސާޖުކޮށްދޭ ކްލިނިކް ތަކުގައިވެސް ކުރަމުން މިއަންނަނީ ހަމަ ހަށިވިއްކުމާއި ބަދުއަޚްލާޤީ ޢަމަލު ތަކެވެ. މިކަމުގެ ހެއްކާއި ދަލީލު ނޫސް މަޖައްލާތަކާއި ޚަބަރުފަތުރާ ވަޞީލަތްތަކުން ކަށަވަރުކޮށްދެއެވެ. މީސްތަކުން މިދައްކާ ވާހަކަތަކުގެ ޚަބަރުތައް މުޖުތަމަޢަށް ޔަޤީންކަމާއި އެކު ގެނެސްދިނުމަށް ނޫސްވެރިން އެތަންތަނަށް ގޮސް، އެތަންތަނުން އެމީހުންނަށް ލިބުނު "ފުރިހަމަ ޚިދުމަތުގެ" ވާހަކަ އަލިފުން ޔާޔަށް ބަޔާންކޮށްދީފައި އެބަހުއްޓެވެ.
މިދެންނެވި މަސާޖުކުރާ ކްލިނިކް ތަކުގައި ހިންގަނީ ކޮންފަދަ ޢަމަލުތަކެއް ކަމާއިމެދު އަމިއްލަ ނަފްސާ ސުވާލު ކޮށްލަމާ ހިނގާށެވެ. އެކަމަށް ބޭނުންވެގެން އެތަންތަނަށް އެއްފަހަރުވެސް ގޮއްސި މީހަކުނަމަ ދެވަނަފަހަރު އެތަނަށް ދެއެވެ. ޚިދުމަތުގެ އަގު ކިތަންމެ ބޮޑުނަމަވެސް މެއެވެ. އެފަދަ މީހުންގެ އަތަށް އަރާހައި ރުފިޔާއެއް އެކަމަށް ހޭދަކުރެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެނީ އެތަންތާނގައި ދޭ ޚިދުމަތަށް ބައިތިއްބާފައިތިބެނީ މިއުޅޭ ކުދިންނަށް ރީތީގެ ރާނީންފަދަ ޑޮކްޓަރުންނެވެ. ހައްސަދަރިންނާއި އަނބިންތިބި މީހުންވެސް މިދެންނެވި ޑޮކްޓަރުންގެ ގާތަށް ބޮޑު ޚަރަދު ކޮށްފައިގޮސް، މަސާޖު އެކުރަނީ ހަށިގަނޑުގެ ކޮންތަނަކަށް ފަރުވާ ކުރަންތޯ ސުވާލެއް ނުއެފެދޭ ހެއްޔެވެ؟
އަނެއްކޮޅުން ބަލާއިރު އިސްލާމްދީނުގައި ތިމާގެ ގައިގައި ބީހުން ހުއްދަ ކޮންމެ ފަރާތެއް މެދުވެރިކޮށް ތިމާގެ ގައިގާ އަތް ބީއްސާ ހެއްދުމަކީ ހުއްދަ ކަންކަމެވެ. މިގޮތުގެ މަތިން މަސާޖުކޮށް ހެދުމަކީ ހަމަ ހުއްދަ ކަންކަމެވެ. ސުވާލަކީ ރޯދަމަހުގެ ދުވާލުގަޑީގައި މަސާޖުކޮށްދޭ ކްލިނިކްތައް ބަންދުކޮށްފައި އެ ހުންނަނީ ކީއްވެ ހެއްޔެވެ. ރޯދަމަހު މީހާ ވަރުބަލި ވެފައި ވާއިރު ހަށިގަނޑަށް އަރާމެއް ޙާޞިލް ކުރުމަށް ރޯދައަށް ހުންނައިރު މީހަކު ބޭނުން ނުވާނީ ހެއްޔެވެ؟ ނަމވެސް އެތަންތަން ރޭގަނޑު ހުޅުވައެވެ.

0 ޚިޔާލު:

Post a Comment

މިލިޔުމަށްޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްވާ